Thursday, April 29, 2010

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ބުނުމުން ތިބާގެ ހިތައް އަންނަނީ ކީކޭހެއްޔެވެ؟ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެ ގޮތަކަށް މާނަ ކުރެވިދާނެ އެވެ. އެއްގޮތަކީ އެއްވެސް ފޮރުވުމެއް އަދި ހައްދެއްނެތި ކަމަކާބެހޭގޮތުން ވާހަކަ ދެއްކުމެވެ. ދެވަނަ ގޮތަކީ މަޢުލޫމާތާއި ޚިޔާލު ބަދަލު ކުރުމުގައި އެމީހަކު ބޭނުން ވަސީލަތެއް ބޭނުންކުރުމެވެ. މިހާހިސަބުން ފާހަގަ ކޮށްލަންޖެހޭ ކަމަކީ އެއްވެސް ޤައުމެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ލިބިދީފައިނުވާ ކަމެވެ. ސަބަބީ ޤާނޫނާއި ޚިލާފު ވާހަކަ ތަކާއި ނަސްލީ އިމްތިޔާޒުކުރުންފަދަ ކަންކަމާއިގުޅޭ ވާހަކަތަކަކީ އަދަބު ލިބޭފަދަ ވާހަކަތައްކަމަށް ވާކަމެވެ.

މިޒަމާނުގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފެށިގެންއައީ 18 ވަނަ ގަރުނުގެ ތެރޭގައެވެ. މިއަދުގެ ދުނިޔޭގައި، ޤާނޫނީ އިމުގެ ތެރެއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ބައިންއަޤުވާމީ ގޮތުން ކޮންމެ އިންސާނަކަށްވެސް ލިބިދީފައިވާ ޙައްޤެކެވެ. އިނގިރޭސި ފިލޯސަފަރެއް އަދި ޕާލިމެންޓް މެމްބަރެއް ކަމަށްވާ ޖޯން ސްޓުއާޓް މިލް (1806 އިން 1873 އަށް) ދެކިލައްވާގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހަމައެކަނި ޚިޔާލާއި މަޢުލޫމާތު ހާމަކުރުމެއް ނޫނެވެ. އޭނާ ދެކިލައްވާގޮތުގައި، މަޢުލޫމާތާއި ޚިޔާލު ހޯދުމާއި ލިބިގަތުން އަދި ޙިއްސާކުރުންވެސް މީގެތެރޭގައި ހިމެނެއެވެ. މިޒަމާނުގައި ބައިނަލްއަޤުވާމީ، ސަރަޙައްދީ އަދި ޤައުމީ ހަމަތަކުން ބަލާއިރުވެސް އެމީހަކު ބޭނުން ވަސީލަތެއްގެ އެހީގައި އެމީހެއްގެ ޚިޔާލާއި ޝުޢޫރު ފާޅުކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިދޭންޖެހޭ ޙައްޤެކެވެ. އެހެން ގޮތަކަށް ބުނާނަމަ، އޭނާ ފާޅު ކުރާ ޚިޔާލާއި އެ ޚިޔާލު ފާޅުކުރުމަށް ބޭނުންކުރާނެ ވަސީލަތެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިދޭން ޖެހޭނެއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އޭގެ ސަބަބުން އެތަކެއްފައިދާ ކުރުވަނިވި ކަމެކެވެ. ފަރުދީ ފެންވަރުގައާއި ޤައުމީފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް މެއެވެ. ކަންކަމާއި މެދު ފިޔަވަޅުއެޅުމުގައި ހަމައެކަނި ތިމާއަށް ފެންނަގޮތުގެ މައްޗައް ކަންކަން ނިންމުމުގެ ބަދަލުގައި، ގިނަބައެއްގެ ޚިޔާލާއި ފިކުރު އެކަމެއްގައި ހުރިގޮތް ހޯދުމަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާހުރި ކަމެކެވެ. މިފުރުސަތު ލިބިދެނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުންނެވެ. މީގެއިތުރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ސަރުކާރުތައް ހިންގުމުގައި ވެސް އެހާމެބޭނުންތެރި ކަމެކެވެ. ސަބަބަކީ ރައްޔިތުން ބޭނުންވާކަންކަން އެނގި ކަންކަން އިސްލާހު ކުރުމާއިއެކު ސަރުކާރާއިމެދު ކުރެވޭ ތުހުމަތު ތަކުގެ ޙަޤީޤަތް ހާމަކުރެވޭނީވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުންނެވެ. އެހެނީ ކަންކަމުގައި ސަރުކާރު ހިންގާފަރާތުގެ ވިސްނުންހުރިގޮތް އެންމެފުރިހަމަ ގޮތުގައި ހާމަކުރެވޭނީ އެކަންކަމާއިމެދު ރައްޔިތުންނާއި އިދިކޮޅުފަރާތްތައް ދެކޭގޮތްވެސް އެނގިގެންނެވެ.

މިހާހިސާބުން މިމަޒުމޫނުގައި ދެންބަލާލަން ގަސްތުކުރަނީ ޚިޔާކު ފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީއާއި ހުރި ގުޅުމުގެ މައްޗަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ އެއް ތަނބު ކަމުގައި ބުނެވިދާނެއެވެ. ސަބަބަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭބުނުމުން ވިސްނުމުގެ މިނިވަންކަމާއި، ސަޤާފަތާއި ދޭދޭ ގުޅުމުގެ މިނިވަންކަންވެސް އޭގެތެރޭގައި ހިމެނިފައިވީހިނދު، ބޭއިންސާފާއި ޤާނޫނާ ޤަވާޢިދާ ޚިލާފު ޢަމަލްތަކާއި، ސަރުކާރު ހިންގާފަރާތްތަކުގެ އިތުބާރުނެތް ކަމާއި މިނޫންވެސް މިފަދަ ކަންކަމާއިމެދު ފާޑުކިޔައި އެކަމާގުޅޭގޮތުން އެމީހަކު ދެކޭގޮތް ހާމަ ކުރުމަކީ ޑިމޮކްރަސީގެ އަސާސެވެ. އެހެނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން މަޢުލޫމާތު ފޯރުކޮށްދިނުމާއި، ޚިޔާލު ހުށަހެޅުމާއި، ޤައުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ވާހަކަދެއްކުމާއި، ޚުދުމުޚުތާރު ކަމާއި ދެކޮޅު ހެދުމަކީ ފުރިހަމަ ޑިމޮކްރަސީ އެއްގައި ކޮންމެމީހަކަށްވެސް ލިބިދޭންޖެހޭ ޙައްޤެކެވެ.

ކަންމިހެން ހުރިކަމުގައި ވިޔަސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަހަމަގޮތުގައި ބޭނުންކުރާތަން ފެންނަނީ މަދެއްކޮށެއްނޫނެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެމީހަކަށް ލިބިދޭންޖެހޭ ޙައްޤަކަށް ވީއިރު ނޭނގިނަމަވެސް އަނެކާގެ މިނިވަންކަމަށާއި ކަރާމަތާއި ޤަދަރައް އަރައިގަތުމައް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި މި ޙައްޤު ބޭނުންކުރެވޭކަމީ ހިތާމަހުރި ކަމެކެވެ. މިކަމުން އެއްކިބާވުމަށް ޓަކައި ރައްޔިތުންގެ ކިބައިގައި ހުރި ޚިޔާލު ފާޅުކުރުމުގެ ޤާބިލިއްޔަތާއި، ސަރުކާރު ހިންގާފަރާތުގެ ޤާބިލިއްޔަތު އަދި މީގެއިތުރުން ޤާނޫނާއި ޤަވާޢިދުތައް ގުޅިލާމެހުމެހުމަކީ އެންމެބޭނުންތެރި ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. އެންމެންގެ ލާބަޔާއި މަންފާއަށްޓަކައެވެ. އަމާން އޮމާން މުޖުތަމަޢުއަކަށް ޓަކައެވެ.

No comments:

Post a Comment