Sunday, September 26, 2010

ޒުވާނުންނާއި ދިވެހި ބަސް

ދިވެހިބަސް ދިވެހިންނަށް އިނގެނީ ކިހާވަރަކަށް ބާއެވެ؟ ދިވެހިރާއްޖޭގެ ތާރީޚާ ބެހޭގޮތުން ދިވެހިންނަށް އިނގެނީ ކޮންއެއްޗެއް ބާއެވެ؟ ފިލިކޯޅި އަކީ ކޮންއެއްޗެއް ހެއްޔެވެ؟ ހުތް އަލި ދީދީ އަކީ ކާކު ހެއްޔެވެ؟ ބޮޑު ތަކުރުފާނުގެ ވާހަކަ ދަންނަމު ހެއްޔެވެ؟ މިއަދުގެ ޒުވާނުންނަށް މިދައްކަނީ ކޮންވާހަކަތަކެއް ކަން 
ރެއަކާލާނެ ކަމާއި މެދު ޝައްކެވެ.


ދިވެހި ބަސް އުވިގެން ހިނގައިދާނެ ކަމުގެ ވާހަކަތައް ބަހުގެ މާހިރުން ދައްކާވާހަކަ އަޑުއަހަމެވެ. މަދަރުސާތަކުގައި ދިވެހިބަސް ކިޔަވައިދޭހާ ހިނދަކު އެއީވެދާނެ ކަމެއްކަމަށް އަޅުގަނޑު ގަބޫލެއްނުކުރަމެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން މަތީސާނަވީ ގައި ކިޔަވާކުދިންނަށް ދިވެހި މާއްދާއަކީ އިޚްތިޔާރީ މާއްދައެއްގެ ގޮތުގައި ހަމަޖެއްސުމައްވަނީ ނިންމާފައެވެ. ދިވެހި ކަރިކިއުލަމް ގައި ގިނަ މައްސަލަތަކެއް ހުރިކަމައް ގިނަބަޔަކު ދެކޭއިރު، މި ނިންމުމަކީ ކަންތައްތައް ގޯހުން ގޯހަށް ހިނގައިދާނެ ކަމެއްކަމަށް އަޅުގަނޑަށް ފެނެއެވެ.


މިހާރުވެސް ދަރިވަރުން ދިވެހިބަސް ކިޔަވަނީ ކިޔަވާހިތަކުން ނޫނެވެ. އެކުދިންނަށް ދިވެހި ގަޑި ވަނީ "ވައި" ގަޑި އަކަށެވެ. ނަތީޖާއަކަށް ވެފައިވަނީ އިމްތިޙާނުތަކުގައި ދިވެހި މާއްދާއިން ލިބޭ މާރކްސް އެހެން މާއްދާތަކާއި އަޅާބަލާއިރު ދައްވެފައި ވުމުވެ. އެންމެފަހުން މަދަރުސާ ނިމޭއިރު ދިވެހި ބަހާއި، ދިވެހި ސަޤާފަތާއި ތާރިޚާއި ބެހޭގޮތުން ދަރިވަރުންނަށް އިނގެނީ ވަރަށްކުޑަ މިންވަރެކެވެ. މަސައްކަތުގެ މައިދާނުގައި މި ދެންނެވި ކަންކަމުގެ ބޭނުން ފުޅާދާއިރެއްގައި  ނުކުރިކަމުގައި ވިޔަސް، ދިވެހި ބިމަށް އުފަން ދިވެހި މަޔަކާއި ބަފަޔަކަށް އުފަން ކޮންމެ ދަރިއަކަށް މި ކަންކަން އެނގުމަކީ ކޮންމެހެން ބޭނުންކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.


ފެންނަފެނުމަށް ދިވެހިބަހާއި ތާރީޚާއި ބެހެގޮތުން އިނގޭބަޔަކީ ހަމައެކަނި ދިވެހި މުދައްރިސުންނާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒެވެ. ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށް ވެފައި، މިކަންކަމާއި ބެހޭ އެއްވެސް ޢިލްމެއް އެމީހުންގެ ކިބައިގައި ނެތުމަކީ ލަދުގަންނަން ޖެހޭވަރުގެ ކަމެކެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި އެމީހުންގެ ބަހާއި ތާރީޚަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް އެމީހުންދެއެވެ. ބަހާއި ތާރީޚް ކިޔަވައި ދިނުމަށާއި އެކަންކަން ކުރިއެރުވުމަށެވެ. އެމީހުން އެމީހުންގެ ކާބަފައިންނަށް އިޙުތިރާމްކުރެއެވެ. އެކާބަފައިން ޤައުމަށް ކޮށްދިން މިންނެއް މަސައްކަތުގެ އަގުވަޒަންކޮށް ކާބަފައިންގެ ރޫހު ދިރުވާ އާލާކުރެއެވެ. މިއީ ދިވެހި ޒުވާނުންގެ ކިބައިން ފެންނަ މަންޒަރެއްނޫނެވެ.


ކަން މިހެން އޮތްއިރު ދިވެހިބަސް އިޚުތިޔާރީ މާއްދާއްކަށް ހެދުމަކީ ބުއްދިވެރި ގޮތެއްކަމަކަށް އަޅުގަނޑުނުދެކެމެވެ. އޭގެ ބަދަލުގައި މިހާރުގެ ސިލަބަސް މުޠާލިޢާ ކޮށް މުރާޖަޢާ ކުރުން މުހިންމު ކަމުގައި ދެކެމެވެ.

1 comment:

  1. ދުނިޔޭގަ އަމިއްލަ އަކުރުތަކެއް ގެންގުޅޭ މަދުބަސްތަކުގެ ތެރެއިން ބަހެއް ކަމަށްވާ ދިވެހި ބަހުން ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ފަޚުރެއް

    ReplyDelete