ސިޔާސީ އެދުންވެރިކަން
ޤައުމެއް ކުރިއަރައި ތަރައްޤީވަނީ އޭގައި އެކިއެކި މުހިންމު ސަބަބުތަކެއް އެކުލެވިގެންނެވެ. ޤައުމު ހިންގުމުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުންފެށިގެން އެންމެ އާދައިގެ ރައްޔިތުން އޭގައި ޝާމިލްވެގެންނެވެ. ކުރެވޭ
މަސައްކަތްތަކެއްގެ ސަބަބުންނާއި ވެވޭ ޤުރުބާނީއެއްގެ ސަބަބުން އަދި ހޯދޭ ކާމިޔާބީއެއްގެ ސަބަބުންނެވެ.
މިދެނެނެވި ކާމިޔާބީއާއި ހަމަޔަށް ވާސިލްވެވޭނީ އެކަމަށް އެދުންވެރިކަމެއްއޮވެ ވަރުގަދަ އަޒުމަކާއި އެކު ރޭވޭ ހަރުދަނާރޭވުންތަކެއްގެ ސަބަބުންނެވެ. ސާފު ސީދާ ލަނޑުދަނޑިތަކެއް ކަނޑައެޅިގެންނެވެ. މި ލަނޑުދަނޑިތައް ކަނޑައެޅުމައްޓަކައި ރައްޔިތުން ހޮވާ ސިޔާސީ ފަރާތްތަކުގެ ކިބައިގައި އެ ލަނޑުދަނޑި ތަކާއި ހަމަޔަށް ޤައުމު ގެންގޮސް ދިނުމުގެ ސިޔާސީ އެދުންވެރިކަން ހުރެގެންނެވެ.
ތާރީޚުގެ ފަތްފުއްތަކަށް ނަޒަރު ހިންގާލާއިރު ކާމިޔާބު ކަމާއިއެކު ޤައުމެއްގެ ރައްޔިތުން އަމާން އޮމާން މަންޒިލަކަށް ގެންގޮސްދީފައިވަނީ މިފަދަ އިޚުލާސްތެރި ސިޔާސީ ލީޑަރުންކަން ފާހަގަ ކޮށްލެވެއެވެ. ނެލްސަން މަންޑޭލާ އާއި މަހާތުމާ ގާންދީ މީގެ މިސާލަކަށް ފުދެއެވެ. އެބޭފުޅުންގެ އިޚުލާސްތެރި ޚިދުމަތް މިއަދު އެޤައުމުތައް އަދި ކިއެއްތަ މުޅި ދުނިޔެވެސް ދަނެއެވެ.
މަޤުބޫލު ސިޔާސީ ލީޑަރަކަށްވަނީ ދަރިފަސްކޮޅެއްގެ ސަބަބަކުން ނޫނެވެ. ނުވަތަ އެމީހެއްގެ މިލްކިއްޔާތު ގައިވާ މުއްސަނދި ކަމަކުންވެސް ނުމެނޫންމެއެވެ. އެހެނެއްކަމަކު އެ ލީޑަރަކު ޤައުމަށް ކޮށްދޭ ޚިދުމަތްތަކުގެ ސަބަބުންނެވެ. މި ދެންނެވި ޚިދުމަތްތައް ޤައުމަށް ކޮށްދެވޭނީ ކުރިންވެސް މިދެންނެވި ސިޔާސީ އެދުވެންވެރިކަން ހުރެގެންނެވެ. ކިތަންމެ މަތީ ތަޢުލީމެއް ހާސިލް ކޮށްގެންހުރި މީހެއްކަމުގައި ވީނަމަވެސް މިދެންނެވި އެދުންވެރިކަން ނެތި އެމީހަކަށް ޤައުމައްޓަކައި ކޮށްދެވޭނެ ކަމެއް އަދި ކޮށްދޭނެ ކަމެއްވެސް އޮންނާނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ.
No comments:
Post a Comment