ކުއްލިއަކަށް ހޭލެވުނީ މޯބައިލް ފޯނުގެ ސޯނާގެ އަޑަށެވެ. ގަޑިން ހެނދުނު އަށެއް ޖެހީއެވެ. ސޯނާ ނިއްވާލުމަށްފަހު އަނެއްފަރާތަށް އެނބުރެލީ އަދި ފަސް މިނެޓު ނިދާލާނަމޭ ހިތާއެވެ. ހަނދާނަށް އައީ އަށްގަޑި ސާޅީސްފަހެއްގައި ކިލާސް އޮންނަކަމެވެ. މިހެން ނިދަން އޮވެގެން ކަމަކު ނުދާނެއޭ ހިތައް އެރިއެވެ ނިދި ވަރުބަލި ކަމާއި ފޫހި ކަމާއި އެކު އެދުން ހިއްލާލީމެވެ. މޯޅިއަކަށް ދެމިލުމަށްފަހު ތުވާލި ކޮނޑަށް އެއްލައިގެން ފާހަނާ އާއި ދިމާލަށް ހިނގައި ގަތީމެވެ...
ދުވަސްވަރަކީ ޚަރީފް މޫސުމުގެ ދުވަސްވަރު ކަމަށް ވުމާއިއެކު ކޮޓަރި ތެރެ ވަރަށް ފިންޏެވެ. އަދި ބޭރުތެރެ ވަކިން ފިނި ވާނެވަރު އިހުސާސް ކޮށްލުމުން...
އަންނައުނު މަތިން އަންނައުނު ލައިގެން ދަބަސް ކޮނޑު އަޅައިގެން ކޮޓަރިން ނިކުތީމެވެ. ތިރީބުރީގައި ހުންނަ ކެންޓީނަށް ވަނީ ކުލާހަށް ދިއުމުގެ ކުރިން ބަނޑަށް އެއްޗެއްލުމުގެ ނިޔަތުގައެވެ. ކާހިތަކުންނޫނެވެ. ޖޭމާއި ބަޓަރު ޖެހި ދެތިން ފޮތި ޕާން އަވަސް އަރުވާލާފައި ގޮހޮރަށް އަޅާލީމެވެ. ހޫނު ކަޅެއްވެސް ދަމާލީމެވެ. ރާއްޖެ ފަދައިން ތުރުކީންވެސް ކަޅުސައި ލިބެން ހުންނާތީ އުފާކުރީމެވެ..
އިރުގެ ދޯދިތައް ފާޅުވާން ހުރިއެއްކަމަކު ފަތިހުގެ ފިނިކަން އަދިވެސް ޖައްވަކުން ފިލައިގެނެއްނުދެއެވެ. ދަމާލި ކަޅުސައިން އެއްވެސް ފައިދާއެއް ނުކުރިއެވެ. ބަސް ހުއްޓީގައި މަޑުކޮށްގެން ހުރީ ދެޖީބަށް އަތް ޖަހައިގެންނެވެ. ތުރުތުރު ލަމުންނެވެ... މި ގަދަ ފިނީގައި ބަހަށް ކިހާއިރަކު މަޑުކުރަންޖެހޭނެ ބާއެވެ...
ކުއްލިއަކަށް ކައިރިއަށް އައިސް ހުއްޓިލީ ތުރުކީ މަންޖެއެކެވެ. ހަމުގެ ކުލަ ވަކިން ދޮނެވެ. ދެ ކޯތާފަތް ރަތެވެ. ފިނީގެ ސަބަބުން ކަމަށް ވެދާނެއެވެ. ލޭކޮޅެއްކަހަލަ ދެތުންފަތުން ހިނިތުންވެލިއެވެ. އަހަންނާއި ދިމާލަށް ބާވައެވެ؟ އަހަރެން ފަހަތް ބަލާލީމެވެ. އެހެންމީހަކު ނެތެވެ. މަޑުމޮޅި އަޑަކުން ބަސް އަންނަނީ ކިހާއިރަކުތޯ އަހާލިއެވެ. ދެން މާގިނައިރެއް ނުވާނެއޭ އަހަރެން ބުނީމެވެ. އަހަންނަށް ބުނެވުނީ ރަނގަޅަށް ހެނެއް ހިއެއްނުވެއެވެ. އެހެންނޫނީ ތުރުތުރު އަޅާވަރުން އަހަރެން ބުނިއެއްޗެއް ސާފު ނުވީ ކަންނޭނގެއެވެ. ބޭރު މީހެއްތޯ ސުވާލު ކޮށްލިއެވެ. އަހަރެން ބޯޖަހާލީމެވެ. ދިވެއްސެކޭ ބުނީމެވެ. ރާއްޖެ ކަހަލަ ހިތްގައިމު ގައުމަކުން މިކަހަލަ ތަނަކަށް އައީ ކީއްވެތޯ އަހާލިއެވެ. އޭގެ ސަބަބެއް އަހަންނަކަށްވެސް ނޭނގެއޭ ބުނާ ކަހަލަ ގޮތަކަށް ދެކޮނޑު އަރުވާލީމެވެ. އެމަންޖެ ހީލިއެވެ. ހިއްގައިމު އަޑަކުންނެވެ. އެއަންހެން ކުއްޖާ އިތުރު އެއްޗެއްބުނަން އަނގަހުޅުވާލި އެވެ. ބަސް އައިސް މަޑު ކޮށްލީ އެވަގުތު އެވެ.. (ނުނިމޭ)
No comments:
Post a Comment